1443 ވަނަ އަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

1443 ވަނަ އަހަރުގެ ޤަޢުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ކުރިނބީ ކައުންސިލްގެ އިދާރާގައެވެ.

މިރަސްމިއްޔާތުގައި ކުރިނބީގެ މުއައްސަސާތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ފަށާފައިވަނީ ޤުރުއާނުގެ ބަރަކާތުންނެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔަވައިދެއްވީ މަސްޖިދުއްސަލާމްގެ އިމާމް ޢަބްދުލްޣަނީ އަބޫބަކުރެވެ. އެއަށްފަހު ރަސްމިއްޔާތު ތައާރަފްކޮށްދެއްވީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ޢަލީ ޒިޔާދު އަޙްމަދެވެ. އެއަށްފަހު ޤަޢުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ ކުރިނބީ ކައުންސިލް މެންބަރު އަލްފާޟިލް މުޙައްމަދު އަފްޟަލް އެވެ.

ޤައުމީ ސަލާމުން ރަސްމިއްޔާތު ނިންމާލެއްވި އިރު ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށްފައިވެއެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.