ހދ.ކުރިނބީ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލަރުން ހުވައިކުރައްވައިފި
ލޯކަލް ކައުންސިލު އިންތިހާބުގައި ހދ.ކުރިނބީ ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން މަޤާމުގެ ހުވައި ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.
ކުރިނބީ ސްކޫލް ހޯލުގައި މިއަދު 13:30 ގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލަށް އިންތިހާބުވި ކައުންސިލަރުންނަން ހުވައި ލައިދެއްވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް އިބްރާހިމް ޝާހިދެވެ. މިރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ކުރިނބީ އިމާމު، އިސްމާއިލް މުޙައްމަދެވެ. ރަސްމިއްޔާތު ތަޢާރަފް ކުރެއްވީ ހދ. ކުރިނބީ ކައުންސިލް އިދާރާގެ އ.ޑިރެކްޓަރ ޢަލީ ޒިޔާދު އަޙްމަދެވެ.
ކައުންސިލަރުން ހުވައި ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކައުންސިލަރުން ހުވައި ކުރެއްވުމަށްފަހު ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވާފައި ވެއެވެ.
މި ރަސްމިއްޔާތުގައި ކައުންސިލުގެ ކުރީގެ މެމްބަރުންނާއި ކުރިނބީގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.
ކުރިނބީ ކައުންސިލްގެ 3 ވަނަ ދައުރަށް އިންތިޚާބުވެ ހުވައިކުރެއްވި ކައުންސިލަރުންނަކީ ޢަބްދުލްފައްތާޙް އަބޫބަކުރު/ސައުތްލައިޓް، މުޙައްމަދު އަފްރާޙް/ސޫރަޖް އަދި މުޙައްމަދު ޝާފީ/ޝިފާ އެވެ.
މިރަސްމިއްޔާތު ނިމުނީ ޤައުމީ ސަލާމުންނެވެ.