ކުރިނބީ ކައުންސިލްގެ ރައީސަކަށް އަފްރާޙް، ނައިބުރައީސަކަށް ފައްތާޙު އިންތިޚާބު ކުރައްވައިފި

ހދ. ކުރިނބީ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސަކަށް އަލްފާޟިލް މުޙައްމަދު އަފްރާޙް، އަދި ނައިބުރައީސަކަށް އަލްފާޟިލް ޢަބްދުލްފައްތާޙު އަބޫބަކުރު އިންތިޚާބު ކުރައްވައިފިއެވެ.

މިއަދު 14:40 ގައި ބޭއްވުނު ހދ. ކުރިނބީ ކައުންސިގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައީސްކަމުގެ މަޤާމަށް ކުރިމަތި ލެއްވުމަށް ހުޅުވާލެއްވުމުން އެމަޤާމަށް ކުރިމަތި ލެއްވީ ހަމައެކަނި މުޙައްމަދު އަފްރާޙް އެވެ. މިމަޤާމަށް އަފްރާޙް އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 3 މެންބަރުންގެ ތެރެއިން 2 ވޯޓް ލިބިގެންނެވެ.

ނައިބުރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން، އެމަޤާމަށް ކުރިމަތި ލެއްވީ ހަމައެކަނި އަލްފާޟިލް ޢަބްދުލްފައްތާޙު އަބޫބަކުރެވެ. މިމަޤާމަށް ޢަބްދުލްފައްތާޙު އިންތިޚާބު ވެފައިވަނީ ވޯޓުގައި ބައިވެރިވި 3 މެންބަރުންގެ އިއްތިފާގުންނެވެ.

މިޖަލްސާގައި ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާޙް ވާހަކަ ދެއްކެވިއެވެ. އަފްރާޙް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ ރަށުގެ ތަރައްގީއަށް ކުރެވެންހުރި ހުރިހާކަމެއްގައި ލަޔާގަތާއި ޤާބިލްކަން ހުރި މިންވަރަކުން މަސައްކަތް ކުރާނެކަމަށާއި، ހަމައެހެންމެ ހުރިހާ މުވައްޒަފުންނާ ގުޅިގެން ވަރަށް އެކުވެރި މާހައުލެއްގައި  މަސައްކަތް ކުރާނެ ކަމަށެވެ.