ފިޠުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިނބީގައި އީދު ނައު ލައިފި

ފިޠުރު އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިނބީގައި އީދު ނައު ލައިފިއެވެ. އީދު ނާއު ލާފައިވަނީ ރަށުގެ އަމީނީމަގުގައެވެ. ގާތްގަނޑަކަށް 600 ފޫޓު ދިގު މި ނައު ލާފައިވަނީ ދޮންވެލިންނެވެ. އީދު ނަވަކީ މިރަށުގައި ކޮންމެ ފިތުރު އީދަކާ ދިމާކޮށް ވަރަށް އިހު ޒަމާނުންސުރެ ކުރަމުން އަންނަ ކަމެކެވެ.

މިކަން އިހު ޒަމާނުގައި ކޮށް އުޅުނު ގޮތަކީ، ރަށުގެ ގޮނޑުދޮށުން ދޮންވެލި ނެގުމަށްފަހު އެކި ސަރަހައްދުތަކުގައި ފޮރުވާފައި ބަހައްޓަނީ އެވެ. އެކަން ކުރަނީ ރޯދަ މަހުގެ ތެރޭގަ އެވެ. ދޮންވެލިން މަގުމަތީ ކުރަހަނީ ވަރަށް ސިއްރުންނެވެ. އީދު ވިލޭރޭގެ ދަންވަރު އެވެ. ރަށުގެ ބޮޑު މަގުގައި ނައު ކުރަހަނީ ބައިބަޔަށް ބަހައިގެންނެވެ. ކުރަހައި ލިޔެފައި ހުންނަނީ އޭރަކު ރަށު ތެރޭގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އެވެ. އެއިން ދައްކުވައިދެނީ ނަވެވެ. ދެން އޮންނާނީ ނާގެ ނަގިލި ލުމެވެ.

މި އީދުގައި ކުރިނބީގެ މަގުމަތިން އީދު ނައު ފެނުނު ނަމަވެސް މިފަހަކަށް އައިސް އެކަން އޮތީ ހުއްޓިފަ އެވެ. އެކަން ހުއްޓެން ދިމާވި ސަބަބަކީ ރަށުގެ ގޮނޑުދޮށުން ދޮންވެލި ނެގުން މަނާކުރުމާ ގުޅިގެންނެވެ. މިހާރު އެކަން ކުރަން ޖެހެނީ ވެލި ގަނެގެނެވެ.

ދުވަސްވީ މީހުންގެ އިރުޝާދުގެ ދަށުން ޒުވާނުން ވެސް އީދު ނައު ކުރެހުމުގައި ބައިވެރިވެ އެވެ. ދަންވަރު ކުރާ މި ބުރަ މަސައްކަތް ބަލާލުމަށް އިރު އެރުމާއެކު އަންހެން ވެރިންނާއި ކުޑަ ކުދިން ނުކުމެއެވެ. ކުރަހާފައި ހުންނަ އެއްޗެއްސާއި ލިޔެފައިވާ ލިޔުންތައް ބަލައި ކިޔުން ވަނީ ވަރަށް މަޖާ ކަމަކަށެވެ. އެއީ ރަށާ ގުޅުން ހުރި ލިޔުންތަކާއި ކުރެހުންތަކަށްވާތީ އެވެ.

މިއީ އުވުނަ ނުދީ ރަށު ޒުވާނުން ދަމަހައްޓަންޖެހޭ ސަގާފަތެކެވެ.