ކޮމްޕިޔުޓަރ ކޯސްތަކެއް ހިންގުމަށް ކުރިނބީ ކައުންސިލާއި ސީއައިޓީއެމް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުރިނބީގައި ކޮމްޕިޔުޓަރ ކޯސްތަކެއް ހިންގުމަށް ކުރިނބީ ކައުންސިލާއި ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (ސީ.އައި.ޓީ.އެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިގޮތުން މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ 21:00 ގައި ކުރިނބީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިނބީ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް އެވެ. އަދި ސީ.އައި.ޓީ.އެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ.އައި.ޓީ.އެމްގެ މާކެޓިންގ މެނޭޖަރ ޒަހީން ޢަބްދުﷲއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިނބީގައި ސެޓްފިކެޓް 3 ،4 އަދި ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިންގޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ ކޯސްތަކެއް ކުރިނބީގައި ހިންގުމަކީ ވަރަށް އުފާކުރާކަމެއްކަމުގައެވެ. އަދި މިކޯސްތަކުގެ ސަބަބުން ކުރިނބީއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައެވެ. ސީ.އައި.ޓީ.އެމްގެ މާކެޓިންގ މެނޭޖަރ ޒަހީން ޢަބްދުﷲ ވިދާޅުވީ މިފަދަ ކޯސްތަކެއް ކުރިއަށް ގެންދިޔުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމެއް ބޭނުންވާނެކަމަށާއި، ކުރިނބީ ކައުންސިލުން މިފަދަ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރާކަމުގައެވެ.

މިރަސްމިއްޔާތުގައި ކުރިނބީ ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން އަދި ކުރިނބީގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/4143