އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް އަތުގުޅާލުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

މިއަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުގުޅާލުމުގެ ޙަރަކާތެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.
މިއީ، 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ބޭއްވުނު ޙަރަކާތެކެވެ. މިޙަރަކާތުގައި ރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެލައްވާފައިވެއެވެ.
މިޙަރަކާތް ތަޢާރަފް ކޮށްދެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާޙް އެވެ. އެއަށްފަހު ވަޑައިގެން ތިއްބެވި ބޭފުޅުން އަތުގުޅާލުން އޮތެވެ. އަތުގުޅާލުން ނިމުމުން ދެން އޮތީ ކީރިތި ޤުރުއާން ކިޔެވުމެވެ. ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެދެއްވީ އިމާމް އަލްފާޟިލް އަބްދުލްޣަނީ އަބޫބަކުރެވެ. އެއަށްފަހު ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ހަނދާނުގައި 1 މިނެޓްގެ ސުކޫތެއް ގެނެވުނެވެ.
އަދި ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. ދުޢާ އިސްވެ ވިދާޅުވެދެއްވީ އިމާމް އަލްފާޟިލް އަބްދުލްޣަނީ އަބޫބަކުރެވެ. ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވި މިހަރަކާތް ނިންމާލީ ޤައުމީ ސަލާމުންނެވެ.