މިއަހަރުގެ ޤަޢުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

1440 ވަނަ އަހަރުގެ ޤަޢުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ކައުންސިލްގެ އިދާރާގައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަށް | ފޮޓޯ : ކުރިނބީ ކައުންސިލް

މިރަސްމިއްޔާތުގައި ކުރިނބީގެ މުއައްސަސާތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތު ފަށާފައިވަނީ ޤުރުއާނުގެ ބަރަކާތުންނެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާން ކިޔަވައިދެއްވީ މަސްޖިދުލް އީސާކަލޭފާނުގެ އިމާމް އިސްމާއިލް މުޙައްމަދެވެ. ރަސްމިއްޔާތު ތައާރަފްކޮށްދެއްވީ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ ޢަލީ ޒިޔާދު އަޙްމަދެވެ. އެއަށްފަހު ޤަޢުމީ ދުވަހުގެ ދިދަ ނަންގަވައިދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަފްރާޙް އެވެ.

ޤައުމީ ސަލާމުން ރަސްމިއްޔާތު ނިންމާލެއްވި އިރު ވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށްފައިވެއެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.