ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ވާހޯކްސް ހޯދައިފި
ކުރިނބީ ކައުންސިލް ކަޕް 2018 ގެ ޗެމްޕިއަންކަން ވާރހޮކްސް އިން ހޯދައިފިއެވެ.
މިއަދު ހަވީރު ކުރިނބީ ރަސްމީ ބޯޅަ ދަނޑުގައި އެފްސީ ވައިކިންގްސް އާއި ބައްދަލުކޮށް ވާރހޮކްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 3 ވަނަ މިނެއްޓުގެ ތެރޭގައެވެ. މިގޯލް އަކީ އެފްސީ ރައިނޯސްގެ މުޙައްމަދު އަނާނު ގޯލްކުރިމައްޗަށް ހުރަސްވާ ގޮތަށް ނަގައިދިން ބޯޅަ ވާރހޮކްސްގެ ޑިފެންޑަރ މޫސާ ނަޒީރުގެ ބޮލުގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. މިގޯލާއެކު ލީޑުގައި އެފްސީ ވައިކިންގްސް އަށް މާގިނައިރު އޮވެވޭ ގޮތެއް ނުވިއެވެ. ނަތީޖާ އެއްވަރުކުރި ލަނޑު ވާރހޮކްސް އިން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ނުވަވަނަ މިނެއްޓުގައެވެ. މިލަނޑަކީ ވާރހޮކްސް އިން ޓީމެއްގެ ގޮތުގައި ވަރަށް ރީއްޗަށް ބަހާލައިގެން އަރާ ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ކާމިޔާބުކުރީ އަބްދުﷲ ނަޝީދު ދިން އެސިސްޓަކުން އިސްމާއިލް އާސިފް ކާމިޔާބުކުރި ލަންޑެކެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ މިނަތީޖާގައި އޮވެއެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުންވެސް ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިއައެވެ. މިހާފްގައި ތިން ރީނދޫ ކާޑު ފެނިގެން ދިއައެވެ. މިގޮތުން ވާރހޮކްސްގެ އިހުސާން އަދި އެފްސީ ވައިކިންގްސްގެ ޔާމިން އަދި ހާމިދު އަށް ރީދޫ ކާޓު ދެއްކިއެވެ.
ވާރހޮކްސް ޓީމުން މެޗުގެ ލީޑު ނެގި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފްގެ 20 ވަނަ މިނެއްޓުގައެވެ. މިލަނޑަކީ ވާރހޮކްސް ޓީމްގެ ފޯވާރޑް އަބްދުﷲ ނަޝީދު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރް އަތުގަ ޖެހިފައި ނުކުތް ވަގުތު ނާއިޝް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިނަތީޖާގައި އޮވެ މެޗު ނިމެމުން ދަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލާނެ ރަނުގެ ފުރުސަތެއް އެފްސީ ވައިކިންގްސްގެ މުހައްމަދު އަފްޒަލް އަށް ލިބިގެން ގޮސްފައި ވެއެވެ. ކީޕަރް ބީޓުކޮށް މުހައްމަދު އަފްޒަލް ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތްކުރީ ވާރހޮކްސް ޓީމްގެ ޑިފެންޑަރ ސާނީޒް އެވެ.
މެޗު ނިމުމާއެކު މުބާރާތުގެ މުހިއްމު ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކުރެވިގެން ދިޔައެވެ.
މުބާރާތުގައި ހޮވި ވަނަތަށް
ޗެމްޕިއަން ޓީމް: ވާހޯކްސް
ރަނަރއަޕް ޓީމް: އެފްސީ ވައިކިންގްސް
ފެއާރ ޕްލޭ ޓީމް: އެފްސީ ރައިނޯސް
އެންމެ މޮޅު ކުޅުންތެރިޔާ: އަބްދުﷲ ނަޝީދު
އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާ: އަބްދުﷲ ނަޝީދު
އެންމެ މޮޅު 5 ކުޅުންތެރިން: މުޙައްމަދު އަނާން، މުޙައްމަދު އަފްޟަލް، އަޙްމަދު ފަޔާޒު، ހުސައިން އިޔާޒު، ޒިދާން އަބްދުލްޣަނީ
އެންމެ މޮޅު ގޯލްކީޕަރު: އަޙްމަދު ސިރާޖު
އެންމެ އުއްމީދީ ކުޅުންތެރިޔާ: މުޙައްމަދު އަޝްފާޤު