އެޕާޓްމަންޓް ތަރައްޤީ ކޮށްދޭން އަށް ފަރާތަކުން ޝައުގުވެރިވެއްޖެ

މިކައުންސިލަށް ޢާމްދަނީ ލިބޭނެ މަގެއް ފަހިކުރުމަށްޓަކައި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ތަރައްޤީކޮށްދިނުމަށް އަށް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޭގެ ތެރޭގައި ނެއްލައިދޫގެ ތިން ފަރާތަކާއި، ކުޅުދުއްފުށީ ދެފަރާތެއްގެ އިތުރުން ހިމެނެނީ ކުރިނބީގެ ތިން ފަރާތެކެވެ.

ދެކޮޓަރިއާއި، ސިޓިންގ ރޫމެއްގެ އިތުރުން ބަދިގެކާގެ ހިމެނޭގޮތަށް ތަރައްޤީ ކުރާ އެޕާޓްމަންޓްޕްރޮޖެކްޓަށް ބީލަން ހުށަހެޅުން އޮންނާނީ 2019 ޖަނަވަރީ 3 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑި ޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ އެވެ.

މި މަޝްރޫއަކީ ހދ.އަތޮޅު ކައުންސިލާ ކުރިނބީ ކައުންސިލް ގުޅިގެން ހިންގޭ މަޝްރޫއެކެވެ. އެގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާގެ ތެރެއިން 175000ރ އަތޮޅު ކައުންސިލުން ޚަރަދު ކުރެއެވެ.

ހދ.އަތޮޅު ކައުންސިލްގެ މި މަޝްރޫއުގެ ދަށުން އަތޮޅުގެ ކޮންމެ ރަށެއްގައިވެސް މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ކާމިޔާބު ކަމާއެކު މި މަޝްރޫއު ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.