ހދ.ކުރިނބީ ކައުންސިލްގެ 16 ގަވާއިދެއް މިއަދު ގެޒެޓްކޮށްފި
ހދ.ކުރިނބީ ކައުންސިލުން އެކުލަވާލާފައިވާ 16 ގަވާއިދެއް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
އެގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ 16 ގަވާއިދަކީ:
- ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ގަވާއިދު
- ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު
- އާންމު އުނދަގުލާބެހޭ ގަވާއިދު
- ރަށުގެ އާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުމާބެހޭ ގަވާއިދު
- ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ގަވާއިދު
- ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު
- ރަށާ ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ފަޅުގައި ނުވަތަ ރަށުގެ އާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަދިނުމާއި ފީނެގުމާބެހޭ ގަވާއިދު
- މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ގަވާއިދު
- ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ގަވާއިދު
- އޮޑިހަރުގެއާބެހޭ ގަވާއިދު
- މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު
- މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދު
- ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ގަވާއިދު
- އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު
- ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު
- ފިހާރަފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ގަވާއިދު
ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ ގެޒެޓް ކުރެވޭ ތާރީހުން ފެށިގެން ކަމަށް ގަވާއިދުގައި ބުނެފައިވާތީ މިއަދުން ފެށިގެން މި 16 ގަވާއިދަށް އަމަލުކުރަން ފެށޭނެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓަކީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ޤާނޫނުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް އެއްނޫހަކުން ފެންނަށް އޮތުމުން ޢާންމުންނަށް ފަސޭހަވާނެވާނެތީ، އެ މަގުސަދުގައި ނެރެވޭ ނޫހެކެވެ.