ކުރިނބީ ކައުންސިލްގެ ބަޖެޓް ފާސްކޮށްފި

2019 ވަނަ އަހަރަށް ކުރިނބީ ކައުންސިލްގެ ބަޖެޓް ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ 3 ވަނަ ދައުރުގެ 34 ވަނަ ޖަލްސާއިންނެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 3،114،990 ރުފިޔާއެވެ.

ދައުލަތުންދޭ ބަޖެޓުގެ ގޮތުގައި މިއަހަރު ކުރިނބީ ކައުންސިލަށް ލިބިފައިވަނީ 1،937،456 ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 101،475 ރުފިޔާގެ އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ދައުލަތުން ކުރިނބީ ކައުންސިލަށް ދީފައިވަނީ 1،835،981 ރުފިޔާއެވެ.

ކައުންސިލް ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޤުރުއާން މުބާރާތް ބޭއްވުން، މަދަހަ މުބާރާތް ބޭއްވުން، ދަރުސް ދިނުން، ހާފިޒުން ގެނައުން، ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުން، ކައުންސިލް ވޮލީ ޓޯނަމެންޓް ބޭއްވުން، ކުޑައީދާއި ބޮޑުއީދު ފާހަގަ ކުރުން، ބަނދަރު ސަރަހައްދަށް ކަރަންޓް ލުމާއި ފެންލިބޭނޭ ގޮތް ހަމަޖެއްސުން، ބަނދަރު ސަރަހައްދުގައި މަސްކަނޑާ ތަނެއް ހެދުން، ޕާކިން ޒޯނެއް ހެދުން، ގޭގެއިން ކުނި ނަގާ އުކާލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށު ޕިކަޕެއް ހޯދުން، މަގުމަތީ ބައްތި މަރާމާތުކުރުން، ޒުވާނުންގެ އިޖްތިމާއީ މަރުކަޒު މަރާމާތު ކުރުން، ދެކޮޓަރި އެޕާޓްމެންޓް އެޅުން، ޕްރީ ސްކޫލް ހިނގުން، އަދި ރަށުގެ 3 ސަރަހައްދެއްގައި މައިޒާން ހެދުމެވެ.

ކުރިނބީ ކައުންސިލަކީ ޕީޕީއެމް މެޖޯރިޓީ ކައުންސިލެކެވެ. މިގޮތުން އިންތިހާބު ވެފައިވާ 3 ކައުންސިލަރުންގެ ތެރެއިން 2 ކައުންސިލަރުންނަކީ ޕީޕީއެމް ކައުންސިލަރުންނެވެ.

ކޮޕީރައިޓް © 2019، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް