ކުރިމަގު ޕްރީސްކޫލުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއްޖެ
ހދ.ކުރިނބީ ކުރިމަގު ޕްރީސްކޫލުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.
ކުރިމަގު ޕްރީސްކޫލަކީ ކުރިނބީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ޕްރީސްކޫލަކަށް ވާއިރު މިއަހަރުގެ ކިޔެވުން ފެށުން ލަސްވީ ޕްރީސްކޫލުގެ ބޮޑެތި މަރާމާތުތަކެއް ކުރަމުން ދިއުމުގެ ސަބަބުން ކަމަށް ކައުންސިލުން ބުނެއެވެ.
މިގޮތުން މިއަހަރު ކިޔެވުން ފެށެންވާއިރަށް 30 ފޫޓު 38 ފޫޓުގެ އޭރިޔާއެއް ސީލިންގުކޮށް ޕާޓިޝަންޖަހާ ކުލަލައި ޒީނަތްތެރިކޮށްފައިވެއެވެ. އަދި ޕްރީސްކޫލުގެ ކިޔަވައިދޭ ބައިގައި ހުރި އުވަ ފާރުތަކުގައި ފިލާޖަހައި ކުލަލައި އެތަނުގެ އާބާތުރަވެސް ވަނީ ފިލުވާފައެވެ. މިއާއިއެކު ޒަމާނީ ފެންވަރަށް ގެނައުމަށްޓަކައި ރީތި ޑިޒައިންތަކުން އެތަންވަނީ ތުއްތު ކުދިންނަށް ހިއްގައިމު ތަނެއްގެ ގޮތުގައި ހެދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެވެ.

ކުރިމަގު ޕްރީސްކޫލުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، މިއަހަރު ބޭބީ ނާސަރީގައި 10 ދަރިވަރުން އަދި ނާސަރީގައިވެސް 10 ދަރިވަރުން އެ ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން ދެއެވެ.
ކުރިމަގު ޕްރީސްކޫލަކީ ރަށުގައި ކުރީގައި ހިނގަމުންދިޔަ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ ކުރިމަގު ޖަމުއިއްޔާއިން ހިނގި ސްކޫލެކެވެ. ނަމަވެސް މިހާރު ޕްރީސްކޫލް ހިނގަމުންދަނީ ކުރިނބީ ކައުންސިލުން، ބެލެނުވެރިންގެ އަތުން ފީ ނަގައިގެންނެވެ.