ހދ. އަތޮޅު ކައުންސިލާއި ކުރިނބީ ކައުންސިލް ގުޅިގެން ތަރައްގީކުރާ އެޕާޓްމެންޓްގެ ބިންގާ އަޅައިފި
ހދ. އަތޮޅުގެ ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއުއެއް ހިންގުމަށް ހދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުރިނބީގައި ހަދަން ހަމަޖެހިފައިވާ ދެކޮޓަރީގެ އެޕާޓްމެންޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެޕާޓްމެންޓުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ކުރިނބީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ހަސަން އާއި ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހެވެ.
މި މަޝްރޫއަކީ ޖުމްލަ 484،450 (ހަތަރުލައްކަ އައްޑިހަ ހަތަރުހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ މަޝްރޫއެކެވެ. ހދ. އަތޮޅު ކައުންސިލުން މިމަޝްރޫއަށް 175،000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ ހަރަދުކުރާއިރު، ކުރިނބީ ކައުންސިލުން މި މަޝްރޫއަށް 309،450 (ތިންލައްކަ ނުވަހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާ ހަރަދުކުރުމަށް ނިންމައިފައި ވެއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިނބީގެ ކުންފުންޏެއް ކަމަށްވާ ހާވިލާ ކޮންސްޓްރަކްޝަން އާއެވެ. އެޕާޓްމެންޓް އަޅަނީ ކުރިނބީ ސުކޫލުގެ ހުޅަނގަށް އޮންނަ ހުސްބިމުގައެވެ.
ހދ. އަތޮޅު ކައުންސިލުން މިހާތަނަށްވަނީ ކުޅުދުއްފުށި، ނެއްލައިދޫ، ނޮޅިވަރަމް، ނޭކުރަންދޫ، ކުމުންދޫ، އަދި ނައިވާދޫ ކައުންސިލާއި ގުޅިގެން މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިނގައިފައެވެ.