ކައުންސިލް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި، މިއަހަރުގެ ޗެމްޕިއަން ޓީމަށް 15 ހާސް ރުފިޔާ

މިއަހަރުގެ ކައުންސިލްގެ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލް ކަޕަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހު ކުރިނބީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ މުބާރާތުގެ ފޯކަލް ޕޮއިންޓް، ކައުންސިލްގެ ނައިބުރައީސް އަބްދުލްފައްތާހު އަބޫބަކުރު (9640403) އަށް ގުޅުއްވައިގެން ނަންނޯޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ކައުންސިލުން -/15,000 (ފަނަރަ ހާސް ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.