ކުރިނބީ ބަނދަރުގައި ހަދާފައިވާ ބިނާ ކައުންސިލުން ބައްލަވާ ލައްވައިފި

ހދ. ކުރިނބީ ބަނދަރުގައި ތައްޔާރު ކުރެވުނު، ރަށުގެ ނަން ރަމްޒުކޮށްދޭ ބިނާގެ މަސައްކަތް ބައްލަވާލެއްވުމަށް ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަދި ބައެއް މެމްބަރުން ކުރިނބީއަށް މިއަދު ކުރިނބީ އަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިދަތުރުގައި ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަލީ މުޙައްމަދާއި، މެމްބަރު އަލްފާޟިލް އާދަމް ޢަލީގެ އިތުރުން ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ އަސްޢަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ ހދ. އަތޮޅު ރަށްރަށުގެ ބަނދަރުމަތި ޒީނަތްތެރި ކުރުމުގެ ގޮތުން ރަށުގެ ބަނދަރުމަތީގައި ރަށުގެ ނަން ނުވަތަ ރަށުގެ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހެދުމަށް ހދ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ކުރިނބީ ކައުންސިލުން ރަށު ބަނދަރުމަތީގައި ހަދާފައިވާ މޮނިއުމަންޓެކެވެ.

މި ބިނާއަކީ މީގެ 200 އެއްހާ އަހަރު ކުރިން ރަށުގައި އުޅުއްވި ވަރަށް ޚިދުމަތްތެރި އަދި ރީތި ބޭކަލެއް ކަމަށްވާ ކަތީބު ދޮން ޢީސާ ކަލޭފާނާއި ގުޅިފައިވާ ހަނދާނީ ބިނާއެކެވެ.

ބިނާއިން ރަމްޒުކޮށްދޭ ކަންކަމުގެ މަޢުލޫމާތު:

  • މުންނާރެއް ސިފަވާ ގޮތަށް ހެދިފައިވާ ބައި ރަމްޒު ކޮށްދެނީ ރަށްޔިތުންގެ ބައިވެރިވުމާއެކު ދޮން ޢީސާކަލޭފާނު އެރަށުގައި ބިނާ ކުރެއްވި މާ މިސްކިތާއި އެ މިސްކިތް ބިނާ ކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތް.
  • މޮނިއުމަންޓުން ފެންނަ ގަހަކީ ދެ-ޤަރުނެއްހާ ދުވަސްވަންދެން ރަށުގެ މަލަމަތީން ފެންނަން ހުރި ބޮޑު ނިކަގަހެއް! މި ނިކަގަސް ހުރިކަމަށްވަނީ ދޮންޢީސާ ކަލޭފާނު މިސްކިތު ގޯތި ތެރޭގައި! 2010 ވަނަ އަހަރު މިގަސް ވަނީ ވެއްޓިފައި!
  • މޮނިއުމަންޓެގެ މަތީގައި ބާއްވާލެވިފައިވާ ވަޅި ނުވަތަ ފިޔޮއްސަކީ ވެސް ދޮން ޢީސާކަލޭފާނަށް ނިސްބަތްވާ އެއްޗެއްކަމަށް ބުނެވޭ! ކުރިނބީގެ އިސްރަށްވެހީން ބުނާ ގޮތުން އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ރަދުންގެ އަމުރަކަށް ދޮންޢީސާ ކަލޭފާނު މާލެ ގެންދެވިފަހުން އެކަލޭފާނަށް ވީގޮތެއް ނޭނގޭ! ނަމަވެސް ރަދުންގެ ރަސްކަން ނިމި ގަނޑުވަރުތެރެ ސާފު ކުރި ކުރުމުގައި އެތަނުގައި ހުރި އުރާ މަރުތަބާނަކުން އިންސާނެއްގެ ކަށިގަނޑަކާއި “ކުރިނބީ ވެލާނާ” ޖަހާފައިވާ އެންދެރި ވަޅިއެއްގެ މުށްގަނޑު ފެނިފައިވޭ! އެ މަސްދަތް ފިޔޮއްސަކީ، އީސާ ކަލޭފާނު އުނަގަނޑު ކޮޅުގައި އަބަދުވެސް އޮންނަ ފިޔޮއްސެއް.
  • މީގެ އިތުރުން، ކުރިނބީގެ ކޯޑު (ބީ- ދިހައެއް) ރަމްޒު ކޮށްދޭ!