ފަލަސްތީނަށް އެހީވާ ފަންޑަށް ދޮޅުލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ އެތައް ހާސް މުސްލިމުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ކުރިނބީ ކައުންސިލުން އިންތިޒާމްކޮށްގެން ހދ. ކުރިނބީގައި ފަނޑްރެއިޒްކުރުމަށް މެއި 28 ވީ ހުކުރު ދުވަހު ފެށި ހަރަކާތް އިއްޔެގެ ނިޔަލަށް ނިންމާލާފައިވާއިރު މި ހަރަކާތަށް 160،500ރ (އެއްލައްކަ ފަސްދޮޅަސްހާސް ފަސްސަތޭކަ ދިވެހި ރުފިޔާ) އަދި 260 (ދުއިސައްތަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. މި ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ “ލޯތްބާއިއެކު 2021” ކެމްޕޭނަށް ހަދިޔާކޮށްފައެވެ.

މިއީ ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށްޓަކައީ ކައުންސިލުން އިސްނަގައިގެން، ރަށުގެ ޖަމްއިއްޔާ ޖަމާއަތްތަކާއި، ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ އިތުރުން ރަަށުގެ ރައްޔިތުންނާއި ގުޅިގެން ހިންގުނު ވަރަށް ކާމިޔާބު ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުން އިސްނަގައިގެން ރަށުގެ މުއައްސާތަކުން ލީޑަރުންތަކެއް ނަގައިގެން ގުޅިގެން ހިންގާ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. އެއާއެކު ޓީމުތަކުން ނެރުނު ނަތީޖާވެސް ކާމިޔާބުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރިނބީ ސްކޫލްގެ މުވައްޒަފުން 30،000ރ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރިނބީ ބްރާންޗުގެ މުވައްޒަފުން 3000ރ، އަދި ކުރިނބީ ހެލްތު ސެންޓަރުތަގެ މުވައްޒަފުންގެ ފަރާތުން 5210ރ މި ހަރަކާތަށް ހަދިޔާކޮށްފައިވާއިރު، ފަލަސްތީނުގެ ދިދަ ޓެގް ވިއްކައިގެން 3075ރ ލިބިފައިވެއެވެ.

މީގެ އިތުރުން ހުކުރު ދުވަހު ރަށުގެ ހުކުރު މިސްކިތުގަޔާއި، ރަސްމީ ދުވަސްތަކުގައި ރަށު ކައުންސިލްގެ އިދާރާގައި އަދި ބައެއް ވަގުތުތަކުގައި ކުރިނބީ ސްކޫލްގެ ގޭޓް ކައިރީގައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން ރަށު ޕިކަޕެއްގައި ރަށުގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި އެނައުންސްމެންޓްތަކާއެކު ފަންޑުރައިސް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ހަމަ އެއާއެކު ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ފޯނުން ގުޅައި މި ހަރަކާތުގެ މަޢުލޫމާތު ހިއްސާކޮށް ޓްރާންސްފަރ ކޮށްގެން ފައިސާ ހަދިޔާކުރުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.